Jump to content

އަންހެނުންގެ ނަސްލު އުފައްދާ ނިޒާމް

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

އަންހެނުންގެ ނަސްލު އުފައްދާ ނިޒާމްގައި ހިމެނޭ ބައިތައް ތިރީގައި މިވަނީ އެވެ.

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ބިސްރަވަ

ބިސްރަވަ ނުވަތަ (އިނގިރޭސި ބަހުން: Ovary) އަކީ އަންހެނާގެ ނަސްލު އުފައްދާ ނިޒާމްގައި ބިސް އުފައްދާ ތަނެވެ. ކޮންމެ އަންހެނެއްގެ ދެ ބިސްރަވަ އިނދެއެވެ. ފިރިހެނުންގެ ހަށިގަނޑުގައި ބިސްރަވަ އާއި އެއްގޮތް ވަޒީފާއެއް އަދާކުރާ އެއްޗަކީ އޮށެވެ. އެއީ އޮށުގެ ތެރޭގައި ދަރިފަނި ނުވަތަ މަނަވީ ޙައިވާން ނުވަތަ މަނި އުފައްދާތީ އެވެ. ބިސްރަވަ އިން ބިސް އުފެއްދުމުގެ އިތުރުން ބައެއް ކަހަލަ ހޯރމޯންތައް އުފައްދައެވެ. މިގޮތުން ބިސްރަވަ އިން އުފައްދައިދޭ އެންމެ އާއްމު އަދި މުހިއްމު ދެ ހޯރމޯން އަކީ އެސްޓްރަޖަން(Oestrogen)އަދި ޕްރޮޖެސްޓަރޯން(Progesterone) އެވެ.

ބިސް ދަތުރުކުރާ ހޮޅި

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ބިސް ދަތުރުކުރާ ހޮޅި

ބިސް ދަތުރުކުރާ ހޮޅި ނުވަތަ(އިނގިރޭސި ބަހުން: Fallopion tube)މިއީ އަންހެނާގެ ނަސްލު އުފައްދާ ނިޒާމްގައި ބިސްރަވަ އާއި ރަހިމު ގުޅުވައިދޭ ހޮޅިއެވެ. ބިސްރަވައިގައި ބިސް އުފެދުމަށްފަހު ރަހިމަށް ވާޞިލްވަނީ މިހޮޅި ކަނޑަތުކޮށެވެ. ކޮންމެ އަންހެނެއްގެ ހަށިގަނޑުގައި މިފަދަ ބިސް ދަތުރުކުރާ ދެހޮޅި ވެއެވެ. ބިސް ދަތުރުކުރާ ހޮޅި ރަހިމާއި ގުޅިފައިވަނީ ރަހިމުގެ މަތިން ދެއަރިމަތިންނެވެ. ބިސް ދަތުރުކުރާ ހޮޅީގެ ދިގުމިނަކީ ގާތްގަނޑަކަށް 14-7 ސެންޓިމީޓަރެވެ.

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ރަހިމު

ރަހިމު ނުވަތަ(އިނގިރޭސި ބަހުން: Uterus) އަކީ އަންހެނާގެ ނަސްލު އުފައްދާ ނިޒާމްގައި ހިމެނޭ މައި ގުނަވަނަކީ ރަހިމެވެ. ނުވަތަ މިއީ މިނިޒާމްގައި ހިމެނޭ އެންމެ މުހިއްމު އެއްގުނަވަނެވެ. ރަހިމުގެ މަތިން ކުރިންވެސް ބުނިހެން ދެފަރާތުގައި ދެ ބިސްދަތުރުކުރާ ހޮޅި ރަހިމާއި ގުޅިފައި ވެއެވެ. ރަހިމުގެ ތިރީ ބަޔަކީ ރަހިމުގެ ކަރެވެ. މިބައި އިންނަނީ އަންހެނާގެ ޖިންސީ ގުނަވަނަށް ހުޅުވޭ ގޮތަށެވެ. ބިސްރަވައިގައި އުފައްދާ ބިސް ބިސްދަތުރުކުރާ ހޮޅި ކަނޑަތުކޮށް ރަހިމަށް ވާޞިލްވެ، ފިރިހެނާ ޖިންސީ ގުޅުމުގެ ތެރޭގައި އަންހެނާގެ ހަށިގަނޑަށް ދޫކޮށްލާ މަނަވީ ޙައިވާން އާ ބައްދަލުވެއްޖެނަމަ ބިސް ރަހިމުގައި ފާރުގައި މުޑުވަށްވެ، އިންދައެވެ. އަދި ރަހިމުގެ ތެރޭގައި ދަރިފުޅު އަށަގަނެ ބޮޑުވަމުން އާދެއެވެ.

ރަހިމުގެ ކަރު

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ރަހިމުގެ ކަރު

ރަހިމުގެ ކަރު ނުވަތަ (އިނގިރޭސި ބަހުން: Cervix) އަކީ ރަހިމުގެ ތިރީގައި ހިމަކޮށް އިންނަ ބައެވެ. ރަހިމުގެ ކަރު ހުޅުވިފައި އިންނަނީ އަންހެނާގެ ޖިންސީ ގުނަވަނަށެވެ. ރަހިމުގެ ކަރު އިންނަނީ ސިލިންޑަރެއް ނުވަތަ ކޯން އެއްގެ ބައްޓަމަށެވެ. ރަހިމުގެ ކަރުން އަންހެނާގެ ޖިންސީ ގުނަވަނުގެ ތެރެއަށް ނިކުމެފައި އިންނަ ބަޔަށް ކިޔަނީ އެކްޓޮސާރވިކްސް(Ectocervix) އެވެ. މިބައިގެ ދިގުމިނުގައި 3 ސެންޓިމީޓަރު އަދި ފުޅާމިނުގައި 2.5 ސެންޓިމީޓަރު ހުރެއެވެ. ރަހިމުގެ ކަރުން ރަހިމުގެ ތެރެއަށް ހުޅުވާދޭ ތަނަށް ކިޔަނީ އިންޓާރނަލް އޮސް(Internal Os) އެވެ. އަދި ރަހިމުގެ ކަރުން އަންހެނާގެ ޖިންސީ ގުނަވަނަށް ހުޅުވާދޭ ތަނަށް ކިޔަނީ އެކްސްޓާރނަލް އޮސް(External Os) އެވެ.

އަންހެނާގެ ޖިންސީ ގުނަވަން

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އަންހެނާގެ ޖިންސީ ގުނަވަން

އަންހެނާގެ ޖިންސީ ގުނަވަން ނުވަތަ (އިނގިރޭސި ބަހުން: Vagina) ފެށިފައި އިންނަނީ ރަހިމުގެ ކަރު ނިމޭ ހިސާބުންނެވެ. މިއީ ބޭރަށް ހުޅުވިފައި އިންނަ ގުނަވަނެވެ. ޖިންސީ ގުޅުން ހިންގުމުގެ ތެރޭގައި ފިރިހެން ހަށި ވާޞިލް ކުރެވެނީ މިބަޔަށެވެ. އެނަޓަމިކަލް ގޮތުން ބަލާއިރު މިއީ މަޑު މަހުން އުފެދިފައިވާ އިލާސްޓިކް ކެނަލް އެވެ. ރަހިމުގެ ކަރުން ފެށިގެން ބޭރަށް ފަރުޖާއި ހަމައަށް އައިސްފައިވާ މި ގުނަވަންގެ އެވްރެޖް ދިގުމިނުގައި 18-15 ސެންޓިމީޓަރު ނުވަތަ 7-6 އިންޗި ހުންނަކަމަށް ބުނެވެއެވެ. މިގުވަނަށް ލިބިފައިވާ އިލާސްޓިކް ކަމެއްގެ ސަބަބުން ޖިންސީ ގުޅުން ހިންގާއިރާއި، ވިހެއުމުގެ ތެރޭގައި މިގުނަވަނަށް ދެމި ފުޅާވެ، ބޮޑުވުމުގެ ގާބިލިއްޔަތު ލިބިފައި ވެއެވެ.

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޖީ-ވަޅު

ޖީ-ވަޅު ނުވަތަ ޖީ-ސްޕޮޓް ނުވަތަ (އިނގިރޭސި ބަހުން: G-Spot) ގެ ދިގު ނަމަކީ ގްރަފެންބާރގް ސްޕޮޓް އެވެ. މއީ އަންހެނުންގެ ޅިނދު ކަށިގަނޑު ގެ ފަހަތުގައި ޖިންސީ ގުނަވަން ހިމެނޭ ހިސާބުގައިވާ ތަންކޮޅެކެވެ. މިތަނަށް ވާޞިލްވެވޭނީ އަންހެނާގެ ޖިންސީ ގުނަވަނުގެ ކުރިމަތީ ފާރުންނެވެ. ބުނެވޭ ގޮތުގައި ޖީ-ސްޕޮޓް ހީވާގިކޮށް މުރާލިކުރުމަކީ އަންހެނުންނަށް ޖިންސީ އެދުންވެރިކަން އޭގެ އެންމެ މައްޗަށް ގެންގޮސްދޭ ކަމެކެވެ.

ޖީ-ސްޕޮޓް މިނަން ދެވިފައިވަނީ ޖަރުމަނުގެ އަންހެނުންގެ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރެއްކަމަށްވާ އާނެސްޓް ގްރަފެންބާރގް ގެ ނަމާ ގުޅުވައިގެންނެވެ. 1950 ވަނަ އަހަރު ފުރަތަމަ ފަހަރަށް ޖީ-ސްޕޮޓް އަކީ އަންހެނާގެ ނަސްލު އުފައްދާ ނިޒާމްގައި ހިމެނޭ ތަންކޮޅެއްކަން ހޯއްދެވީ މިބުނި ޑޮކްޓަރެވެ.

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ފަރުޖު

ފަރުޖު ނުވަތަ (އިނގިރޭސި ބަހުން: Vulva) އަކީ ބޭރަށް ފެންނަން އިންނަ އަންހެނާގެ ޖިންސީ ގުނަވަނެވެ.ނުވަތަ އަންހެނާގެ ޖިންސީ ގުނަވަން ބޭރަށް ހުޅުވިފައި ތަނެވެ. އާންމު ގޮތެއްގައި ފަރުޖޭ ބުނުމުން މީހުން މާނަ ކުރަނީ އަންހެނާގެ ޖިންސީ ގުނަވަން ނުވަތަ ވެޖައިނާ ކަމަށެވެ. ނަމަވެސް ހަގީގަތަކީ އަންހެނާގެ ޖިންސީ ގުނަވަނަކީ އެތެރެއިން ލެވިފައިވާ ނުވަތަ އެތެރޭގައިވާ ބައެކެވެ. އަދި ފަރުޖަކީ ހަށިގަނޑުން ބޭރުގައި ފެންނަ އިންނަ ޖިންސީ ގުނަވަނުގެ ނުވަތަ ނަސްލު އުފައްދާ ނިޒާމްގެ ބައެކެވެ.

ފަރުޖު ގައި ހިމެނޭ ބައިތަކުގެ ތެރޭގައި ފަރުޖު ހިމެނޭ ހިސާބުގައި ޖަމާވެފައިވާ ފެޓް އެކުލެވޭ ޓިޝޫތައް، ނުވަތަ ފެޓް ބޮޑިވަރު، ބޮޑު ދެތުންފަތް، ކުޑަ ދެތުންފަތް، ކުޑަކަމުދާ ހޮޅީގެ ލޯވަޅު، ޖިންސީ ގުޅުން ހިންގާ ލޯވަޅު، ބިކުރުގެ ދުލިފަށް އަދި ފަރުޖާއި ފުރަގަސް ފަރާތު ދޮރާއި ދެމެދުގައިވާ ހިސާބު ހިމެނެއެވެ.

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ކުޅަނދިލި

ކުޅަނދިލި ނުވަތަ (އިނގިރޭސި ބަހުން: Clitoris) އަކީ ވެސް ފަރުޖު ހިމެނޭ ހިސާބުގައިވާ ބައެކެވެ. ކުޅަދިނލި އިންނަނީ ކުޑަ ދެތުންފަތް މަތިން ގުޅިފައިވާ ހިސާބާއި ކައިރީގައެވެ. ކުޑަކަމުދާ ހޮޅީގެ ލޯވަޅަށްވުރެ މަތީގައެވެ. ބުނެވޭގޮތުގައި ފިރިހެނާގެ ހަށިގަނޑުގައިވާ ފިރިހެން ހައްޓާއި އެންމެ އެއްގޮތް އެއްޗެއްކަމަށް އަންހެނުންގެ ހަށިގަނޑުން ފެންނަށް އިނީ ކުޅަދިނލި އެވެ. ކުޅަދިނލީގެ ބޯ ކޮޅުގައި 8000 ނާރވް ނުވަތަ ނާރު ފައިބަރު ތައް ވާކަމަށް ބުނެވެއެވެ. ނަތީޖާއެއްގެ ގޮތުން ކުޅަދިނލި ހީވާގިކޮށް މުރާލިކުރުމުން ޖިންސީ އެދުންވެރިކަން ހިލި، ޖިންސީ އުފާ އިތުރުވާކަމަށް ވެއެވެ.

ކުޅަނދިލި ބުރުގާ

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ކުޅަނދިލި ބުރުގާ

ކުޅަނދިލި ބުރުގާ ނުވަތަ ކުޅަދިނލީގެ ބޯކޮޅު ވަށައިގެންވާ ހަންކޮޅު ނުވަތަ (އިނގިރޭސި ބަހުން: Clitoral prepuce)މިއީ ކުޅަނދިލީގެ ބޯކޮޅު ހިމާޔަތް ކުރުމަށް ލެވިފައިވާ ހަންކޮޅެކެވެ. މިހަންކޮޅު ބޮޑުވެގެން އަންނަނީ ކުޑަ ތުންފަތުގެ ބައެއްގެ ގޮތުގައެވެ. ފިރިހެނާގެ ޖިންސީ ގުނަވަނުގައި މިހަންކޮޅާއި އެއްގޮތް އެއްޗެއްކަމަށް ބުނެވެނީ ޚިތާނު ނުކުރާ މީހުންގެ ފިރިހެންހަށީގެ ބޮލުގެ ކޮޅުގައި އޮޅިފައިވާ ހަންކޮޅެވެ.

މިހަންކޮޅު ގެ ވަކި ސައިޒެއް ނުވަތަ ބައްޓަމެއް ނުވެއެވެ. ބައެއް މީހުންގެ ވަރަށް ބޮޑު ހަންކޮޅެއް ކުޅަނދިލީގެ ވަށައިގެން އިންނައިރު އަނެއްބަޔެއްގެ ވަރަށް ކުޑަ ހަންކޮޅު ހުންނަކަން ފާހަގަވެއެވެ. އެއްބަޔެއްގެ ހަންކޮޅު ފަހަތަށް ޖެހި ކުޅަނދިލީގެ ބޯ އެއްކޮށް ފެންނަން އިންނައިރު އަނެއްބަޔެއްގެ ހަންކޮޅުން ކުޅަދިނލި އިންނަނީ އެއްކޮށް ނިވައި ކުރެވިފައެވެ.

ބިކުރުގެ ދުލިފަށް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ބިކުރުގެ ދުލިފަށް

ބިކުރުގެ ދުލިފަށް ނުވަތަ (އިނގިރޭސި ބަހުން: Hymen) ޖިންސީ ގުނަވަނުގެ ބޭރު ދޮރު(އިނގިރޭސި ބަހުން: External vaginal opening) ގެ މަތީގައި ތަބީޢީ ގޮތުން ލެވިފައިވާ ތެތް ދުލިފަށެކެވެ. ބިކުރުގެ ދުލިފަށް ވަރަށް ގިނަ ބައްޓަންތަކަށް ހުރެއެވެ. އެންމެ އާންމު ވައްތަރަކީ ހަނދު ފަޅި އެއްގެ ބައްޓަމަށް ހުންނަ ވައްތަރެވެ.

އަންހެނާގެ ނަސްލު އުފައްދާ ނިޒާމްގެ ބައިތައް ދައްކައިދޭ ޞޫރައެއް

ފަރުޖުގެ ތުންފަތް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ފަރުޖުގެ ތުންފަތް

ފަރުޖުގެ ތުންފަތް ނުވަތަ (އިނގިރޭސި ބަހުން: Labium) މިއީ އަންހެނާގެ ކުރިމަތި ފަރާތުގައި ޖިންސީ ގުނަވަން އަދި ފަރުޖު ހިމެނޭ ހިސާބުގައިވާ ދެތުންފަތެވެ. ބޭރު ބޮޑު ތުންފަތް ވާއިރު އެއަށްވުރެ އެތެރެއިން ވަނީ ކުޑަ ތުންފަތެވެ. ބޮޑު ތުންފަތް އެކުލެވިގެންވަނީ ހަން އަދި ފެޓް އެކުލެވޭ ޓިޝޫ އިންނެވެ. ބާލިޣުވުމަށްފަހު ބޮޑު ތުންފަތުގެ ހަންގަނޑުގައި އާންމުކޮށް އިސްތަށި ފަޅައެވެ. އަންހެނަކު ކޮޅަށް ހުންނައިރު ފަރުޖުގެ ބޮޑު ބައެއް ބޮޑު ތުންފަތުން ނިވާކޮށްދެއެވެ. ޢާންމު ގޮތެއްގައި ބޮޑު ތުންފަތުގެ ހަމުގެ ކުލަ އާދައިގެ ހަމުކުލަ އާއި އެއްގޮތެވެ. ނަމަވެސް ބައެއް މީހުންގެ މިބައިގެ ހަމުގެ ކުލަ ފިޔާތޮށި ނުވަތަ މުށި ކުލައަކަށްވެސް ހުރެދާނެއެވެ.

ކުޑަ ދެތުންފަތަކީ ބޮޑު ދެތުންފަތުގެ އެތެރެއިން ޖިންސީ ގުނަވަނުގެ ދޮރުގެ ވަށައިގެން ލެވިފައިވާ އެއްޗެކެވެ. ކުޑަ ދެތުންފަތް ދެފަރާތުން މައްޗަށް އައިސް ގުޅޭ ހިސާބުގެ މަތީގައި ވަނީ ކުޅަދިއްޔެވެ. ކުޅަދިނލީގެ ބޯކޮޅު ހިމާޔަތް ކުރުމަށް ވަށައިގެން ހަންކޮޅެއް ލެވިފައި ވެއެވެ.

ކުޑަކަމުދާ ހޮޅި

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ކުޑަކަމުދާ ހޮޅި

ކުޑަކަމުދާ ހޮޅި ނުވަތަ ހީސް ހޮޅި އަކީ ކުޑަކަމުދާ ނިޒާމްގެ އެންމެ ފަހު ބައެވެ. ނުވަތަ ހަށިގަނޑުން ބޭރަށް ހުޅުވިފައި އިންނަ ކުޑަކަމުދާ ނިޒާމްގެ ބަޔަކީ ވެސް މިއީ އެވެ. މިބައި އިންނަނީ މަސާނާ އިން ފެށިގެން ގޮސް ހަށިގަނޑުގެ ބޭރަށް ހުޅުވިފައެވެ. ފިރިހެނުންގެ ހަށިގަނޑުގައި ކުޑަކަމުދާ ހޮޅި އިންނަނީ ފިރިހެން ހަށީގެ ތެރެއިން ގޮސް ބޭރަށް ހުޅުވިފައެވެ. އަންހެނުންގެ ހަށިގަނޑުގައި މަސާނާ އިން ފެށިގެން ގޮސް ސީދާ ބޭރަށް ހުޅުވިފައެވެ. މިހޮޅިން ކުޑަ ކަމުދާ ތަކެތި ބޭރުކޮށްދެއެވެ. ފިރިހެނުންނަށް ބަލާއިރު ފިރިހެނާގެ ދަރިފަނި ނުވަތަ މަނި ހަށިގަނޑުން ބޭރުވަނީ ވެސް ކުޑަކަމުދާ ހޮޅި ހުރަސް ކޮށެވެ.

ބާރތޮލިން ގްލޭންޑް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ބާރތޮލިން ގްލޭންޑް

ބާރތޮލިން ގްލޭންޑް ނުވަތަ (އިނގިރޭސި ބަހުން: Bartholin’s gland) އަކީ އަންހެނާގެ ޖިންސީ ގުނަވަނުން ބޭރަށް ހުޅުވިފައިވާ ދޮރުގެ ދެފަރާތުގައި އިންނަ ކުޑަ ކުޑަ ދެ ގްލޭންޑް އެވެ. އަންހެނުންގެ ނަސްލު އުފައްދާ ނިޒާމްގައިވާ ބާރތޮލިން ގްލޭންޑް އާ އެއްގޮތްކަމެއް ހުންނަ ގްލޭންޑެއް ކަމަށް ފިރިހެނުންގެ ހަށިގަނޑުގައި އިންނަނީ ކައުޕާރސް ގްލޭންޑް(އިނގިރޭސި ބަހުން: Cowpers gland) އެވެ. ޖިންސީ ގުޅުން ހިންގުމުގެ ތެރޭގައި ތެތް ކަމެއް ހުންނަ ދިޔައެއް މި ގްލޭންޑުން ބޭރުކުރާ ކަމަށް ބުނެވެއެވެ.

ބާރތޮލިން ގްލޭންޑް ފުރަތަމަ ހޯއްދެވި ކަމަށް ބުނަނީ 17 ވަނަ ގަރުނުގެ ތެރޭގައި ޑެންމާރކްގެ އެނަޓަމީ ޢިލްމު ވެރިއެއް ކަމަށްވާ ކެސްޕަރ ބާރތޮލިން (1738-1655) އެވެ. ބައެއް މީހުން މިގްލޭންޑް ހޯއްދެވީ 1629-1585 އަށް ދިރިއުޅުއްވި ކެސްޕަރ ބާރތޮލިން ދިއިލްޑަރ ކަމަށް ބުނެއެވެ. އެއީ ކުރިން ބުނި ކެސްޕަރ ބާރތޮލިންގެ ކާފަ އެވެ.

ސްކީންސް ގްލޭންޑް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ސްކީންސް ގްލޭންޑް

ސްކީންސް ގްލޭންޑް ނުވަތަ (އިނގިރޭސި ބަހުން: Skene’s gland) އަކީ އަންހެނާގެ ޖިންސީ ގުނަވަނުގެ މަތީ ފާރުގައި ހުންނަ ގްލޭންޑް ތަކެކެވެ.އަދި އެ ގްލޭންޑްތައް ހުންނަނީ ކުޑަކަމުދާ ހޮޅި ތިރިން ނިމޭ ހިސާބު ކައިރީގައެވެ. ޖިންސީ ގުޅުން ހިންގުމުގެ ތެރޭގައި މިގްލޭންޑްތަކަށް ލޭއެޅި ފުރިބާރުވެއެވެ. އަންހެނާގެ ނަސްލު އުފައްދާ ނިޒާމްގައިވާ މިގްލޭންޑް އާއި އެއްގޮތްކަމެއް ހުންނަ ގްލޭންޑް އަކަށް ފިރިހެނުންގެ ހަށިގަނޑުގައި އިންނަނީ ޕްރޮސްޓޭޓް ގްލޭންޑް އެވެ. މިގްލޭންޑް ތަކަށް ޕެރިޔުރެތުރަލް ގްލޭންޑް އަދި ޕެރަޔުރެތުރަލް ގްލޭންޑް އޭ ވެސް ކިޔައެވެ.