Jump to content

ހޫނަށް ބިހިނެގުން

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ހޫނަށް ބިހިނެގުން(އިނގިރޭސި ބަހުން: Miliaria) އަކީ ހޫނު ގަދަވުމުގެ ސަބަބުން ހަށިގަނޑުގެ ނިވާކުރެވިފައިވާ ހިސާބުގައި ރަތް އަދި ފިޔާތޮށި ކުލައިގައި ކުދިކުދި ބިހިތަކެއް ނެގުމެވެ. މިބިހިތައް ނަގަނީ ދާބޭރުކުރާ މަގުތައް ބަންދުވެ، ދުޅަވުމުންނެވެ. އަދި އޭގެ ސަބަބުން ހަންގަނޑު ހިރުވައި ކަހަން ބޭނުންވެއެވެ. ހޫނަށް ބިހިނެގުން އާންމުކޮށް ކުރިމަތިވަނީ ތުއްތު ކުދިންނަށް ކަމަށްވިޔަސް ހޫނު ގަދަ ހިސާބުތަކުގައި ނުވަތަ ހޫނު ގަދަ ދުވަސްވަރު ބޮޑެތި މީހުންގެ ގައިން ވެސް މިފަދަ ބިހިތައް ނަގައެވެ.

ތުއްތު ކުދިންނަށް ހޫނަށް ބިހިނެގުން ކުރިމަތިވަނީ މާބޯ ހެދުން ލެއްވުމުންނެވެ. ނުވަތަ މާބޯކޮށް ނުވަތަ ބޯފޮތިން ފަހާފައި ހުންނަ ހެދުން ލެއްވުމުންނެވެ. ތުނި ހެދުމެއް ލެއްވި ނަމަވެސް މާ ހޫނު ގަދަ ނަމަ ބިހި ނެގުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް ފަހަރު ތުއްތު ކުދިންގެ އަތްފައިގައި އަތްލާއިރު ފިނިވާތީ މާބޯކޮށް ހެދުން އެޅުވޭގޮތް ވެއެވެ. ނަމަވެސް ވިސްނަންވީ އެގޮތަށް ފިނިކަން އިހްސާސްވި ނަމަވެސް ބޯކޮށް ހެދުން އެޅުވުމުގެ ބަދަލުގައި ތުނި ކަފައިން ފަހާފައި ހުންނަ ގަޔަށް ދޫހެދުން ލެއްވުމަށް ސަމާލުކަން ދިނުމެވެ.

ހޫނަށް ނަގާ ބިހިތައް ހުންނަނީ ކުދިކުދި ތިކިތަކެއް ނުވަތަ ފެންބިހިތަކެއް ސިފައިގައެވެ. ކުޑަކުދިންގެ ގައިގައި މިބިހިތައް ބޮޑަށް ނަގަނީ ބޯ، ކަރުދަށް، އަދި ކޮނޑުމަތީގައެވެ. ކެހުން، އަދި ހެދުންލެއްވުން ފަދަ ކަންތައްތަކަކީ ބިހިތައް ހިރުވައި އިތުރަށް ކެހުން ކުރިމަތި ކުރުވާނެ ކަމެކެވެ. މަދުން ނަމަވެސް ބިހިތަކުގައި ދޮސްލައި ފާރުވާގޮތް ވެއެވެ.